
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
“ޔޫތު ހަބް”ގައި ބޭއްވި އެ ރަސްމިއްޔާތުގައި ވަނީ ކުޅިވަރުގެ ތަފާތު 21ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައެވެ.
އެ ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ “ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް”ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ލިޔުމުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް އެ ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިއުއާ ހަވާލުކުރައްވާފައެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ އެހީއަކީ ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެ ސާމާނުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ޗައިނާ ސަރުކާރުން ވަނީ ކުޅިވަރުކުޅޭ އެކި ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކޮށްފައެވެ.

