
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިނާމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ހާއްސަ އިނާމާބެހޭ ކޮމިޓީ އިން ނިންމާފައި ވަނީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 31ވާ ހޯމަ ދުވަހުގެ ނިޔަލަށް މި އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށެވެ. މި އިނާމަށް ހުށަހެޅޭނީ މި ޕޯޓަލް މެދުވެރިކޮށެވެ.
އިނާމަށް ނަން ހުށަހަޅާއިރު ފޯމާ އެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށާއި އެލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާ ނަމަ، އެ ލިޔުމުގެ ދެފުށުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީއިން އެދިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

