
އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ހައުސިންގ ޔުނިޓްތަކެއް އިމާރާތްކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އެޗްޑީސީ ތަމްސީލުކުރައްވައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރެވެ. މި ޙަފްލާގައި ދެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މުވައްޒަފުންނަށް ފްލެޓް އެޅުމުގެ މަޝްރޫޢު ފެށުމަށް ނިންމި ނަމަވެސް، މި މަސައްކަތުގެ ތާވަލަކާއި އަދި މަޝްރޫޢުގެ އަގު ފަދަ އިތުރު އެއްވެސް މަޢުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އައިލެންޑް އޭވިއޭޝަނުން ފާހަގަކުރާ ގޮތުގައި މިއީ އެ ކުންފުނީގެ ސްޓާފުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ހުޅުވިގެންދާ ވަރަށް މުހިންމު ފުރުޞަތެކެވެ.
މުވައްޒަފުންގެ ވެލްފެއަރއާ ގުޅޭ މިފަދަ ބޮޑު މަޝްރޫޢެއް ފަށާފައިވާއިރު، އެ ކުންފުނިން ދަނީ އައު އޮފީސް އިމާރާތެއްވެސް ބިނާކުރަމުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބިންގާ އެޅި މި އިމާރާތަކީ ބޭސްމެންޓާއެކު ޖުމްލަ 12 ފަންގިފިލާގެ އުސްމިނަށް ހަދާ ތަނެކެވެ.
ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާ ޙަވާލުކޮށްގެން 4745 އަކަފޫޓުގެ ބިމެއްގައި އަޅާ މި އިމާރާތް ނިމުމުން، މާލޭގެ އެކި ސަރަޙައްދުތަކުގައި ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރެވޭނެއެވެ. އެގޮތުން، އިމާރާތުގެ ބޭސްމެންޓް ޕާކިންގއަށް ޚާއްސަކުރެވޭއިރު، އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ ޓިކެޓިންގ އޮފީހެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

