
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުކަމުގެ މަޤާމަށް، ގއ. ދާންދޫ، ޒައިނާ ޢަބްދުﷲ ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މަޖިލީހުގެ ޖަލްސާގައި ޒައިނާ އެ މަޤާމަށް ހަމަޖެއްސުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ ތާއީދާއެކުގައެވެ. މި މައްސަލަ ފާސްކުރުމަށް ބޭނުން ވަނީ މަދުވެގެން 29 ވޯޓު ކަމަށްވާއިރު، އޭނާއަށް ރުހުން ދިނުމާ ދެކޮޅަށް 10 މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރަކު މި ޖަލްސާގައިނެތެވެ.
މާލީ އަދި ބޭންކިންގ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޒައިނާއަކީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމާއި، އިސްލާމީ މާލީ ނިޒާމު އަދި ކޯޕަރޭޓް ފައިނޭންސްގެ ރޮނގުން ދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ޢަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން، އޭނާ ވަނީ މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރުކަން ވެސް ކުރައްވާފައެވެ. މި ބޯޑަށް ޢައްޔަނުކުރެވުމާ ހަމައަށް އޭނާ ފުރުއްވަމުން ގެންދެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގގެ މަސްއޫލިއްޔަތެވެ.

