
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ، ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ނިސްބަތް އޮތީ ބިރުގަންނަންޖެހޭ ނުވަތަ ކޮންޓްރޯލް ނުކުރެވޭ ހާލަތެއްގައި ނޫންކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރިމަތިކުރުވި ސުވާލާ ގުޅިގެން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުން އެކަނިވެސް މި ބަލީގެ ސަތޭކަ މައްސަލަ ފެނިފައިވީ ނަމަވެސް، މިއީ ހާސްވާންޖެހޭ ފަދަ ކަމެއް ނޫނެވެ. ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ގައިންގަޔަށް އަރާ ބައްޔަކަށް ވިޔަސް، ބަލިން ފަސޭހަވުމަށް ނަގާ ވަގުތު ކުރުވުމަކީ މާބޮޑަށް ބަލި ފެތުރިގެން ނުދާނެ ސަބަބެއްކަން އެކަމަނާ ތަފްސީލުކޮށްދެއްވިއެވެ.
މީގެ އިތުރުން، ކޮންމެ ބައްޔަކާ ގުޅިގެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ސިއްހީ ނިޒާމުގެ ތެރެއިން އަބަދުވެސް ހިނގަމުންދާނެކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން ވަނީ ހިމަބިހީގެ 121ކޭސް ރެކޯޑުކުރެވިފައެވެ.
މި ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އަވަށްޓެރި އިންޑިއާއިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން، ވިހިހާސް ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފައިވާއިރު، މި ތަކެތީގެ އެހީގައި ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު، ރައްކާތެރިކަމުގެ މި ޕްރޮގްރާމުގެ ދަށުން ފަސްހާސް ހަތަރުސަތޭކަ ނުވަދިހަ ފަސް މީހަކަށް ވަނީ ވެކްސިން ދީފައެވެ.

