
ސ. ހިތަދޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2026 ޖުލައި 04ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ކަމަށާއި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްފައި ވަނީ 2026 ޖުލައި 6ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ / ޢަޠީނާ، ޝިޔާޙު މުޙައްމަދު (26އ) އާއި، ސ. ހިތަދޫ / ބޯޅަކިންކިރުމާގެ، މުޙައްމަދު މާހިލް އަޙްމަދު (18އ)ގެ އިތުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކުއްޖާއާއި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދަނީ “ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު”ގެ ދަށުންނެވެ.
މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ފުލުހުން ޖާގަ ނުދޭނެކަމާއި، މިފަދަ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަމުގެ ޔަގީންކަން އަރުވަމެވެ.

