
ރާއްޖޭގައި ހިމަބިހި ކޮންޓްރޯލްކުރުމަށްޓަކައި ބޭނުންވާ 28،000 މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ޞިއްޙީ އާލާތްތައް، އދ.ގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް)އިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި ތަކެތި ދިވެހި ސަރުކާރާ ޙަވާލުކުރުމަށްޓަކައި ޞިއްޙީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމާޢަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވަނީ، މިއީ ހިމަބިހީގެ ބަލިމަޑުކަމުން އަރައިގަތުމަށް ލިބުނު ވަރަށް މުހިންމު ހަތިޔާރެއްކަން ފާހަގަކުރައްވައި، ޔުނިސެފްގެ މި ދީލަތި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށާއި، މިއީ އަމިއްލަ ނަފްސާއި މުޅި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ވެސް ވަޒީރު ވަނީ ތަޢުރީފުކުރައްވާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މަޢުލޫމާތު ދޭގޮތުގައި، މިދިޔަ މެއި މަހުން ފެށިގެން ރާއްޖެއިން ހިމަބިހި ފެނިފައިވާއިރު، މިހާތަނަށް 121 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރެއިން 55 ކޭސް ފެނިފައިވަނީ ހަމަ މިދިޔަ ހަފުތާގެ ތެރޭގައެވެ. ބަލި ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ކޮންޓެކްޓް ޓްރޭސިންގ އާއި ލެބޯޓަރީ ޓެސްޓުތައް އިތުރުކޮށްފައިވާއިރު، މިހާތަނަށް 5،495 މީހަކަށް ވަނީ ވެކްސިން ދީފައެވެ.
ޔުނިސެފްގެ އިތުރުން، އިންޑިއާ ސަރުކާރުންވެސް ވަނީ ދާދި ފަހުން ރާއްޖެއަށް ހިމަބިއްސާ ދެކޮޅަށް ބޭނުންކުރާ 20،000 ވެކްސިން ޑޯޒާއި 3 ޓަނުގެ ޞިއްޙީ ސާމާނު ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައެވެ.

