
މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ހޭނުމަށާއި ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި “ވިލުންވެށި”ގްރާންޓް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ މާލީ އެހީތެރިކަމާއެކު، “އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ”މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި މަޝްރޫޢު ހިންގަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެންނެވެ. ވިލުންވެށި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ރާއްޖޭގައި ހިންގާ ތަފާތު މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން، ވަކިވަކި ފަރުދުންނަށާއި، މަދަނީ ޖަމްޢިއްޔާތަކަށާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނަށް އެ ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ލިބިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން އަންހެނުން އިސްވެ ހިންގާ ހަރަކާތްތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އެކި މުއައްސަސާތަކުން ހިންގާ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތަކަށްވެސް އެ ގްރާންޓުގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާކަމަށް ވެސް ބުންޏެވެ.
އެ ޕްރޮގްރާމްގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށެވެ.
އެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކަށް ދިވެހިން އަހުލުވެރިކޮށް، ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

