
އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ބަދަލުގެނެސްފައިވާ ފޮޓޯތަކަކީ ކަނޑައެޅިފައިވާ މިންގަނޑާ ފުށުއަރާ ތަކެތިކަމަށްވާތީ، ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އެފަދަ ފޮޓޯ ބޭނުންނުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާންމުންނަށް އަންގައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް އެ އިދާރާއިން ހާމަކުރި ގޮތުގައި، ޕާސްޕޯޓަކީ މީހާގެ ކާކުކަން އަންގައިދޭ އެންމެ މުހިންމު ރަސްމީ ލިޔުމަށް ވުމާ އެކު، ހުށަހަޅާ ފޮޓޯތަކަކީ އެއްވެސް ވަރަކަށް އެޑިޓްކޮށްފައި ނުވާ އަސްލާ އެއްގޮތް ފޮޓޯތަކަކަށް ވާންޖެހޭނެއެވެ. އެހެންކަމުން އެ މުއައްސަސާއިން ކަނޑައަޅާފައިވާ ހާއްސަ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ދިވެހިރާއްޖޭގެ ޕާސްޕޯޓަށް ފޮޓޯ ނެގުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށްޓަކައި މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި އިމިގްރޭޝަނުން މެދުކެނޑުމެއްނެތި މައުލޫމާތު ފަތުރަމުން ގެންދެއެވެ. އަދި މި އުސޫލުތަކަށް މީހުން އަހުލުވެރިކުރުވައި، ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ ގޮތުން މީގެ ކުރިން ތަފާތު މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ވެސް އެ އިދާރާއިން ކުރިއަށް ގެންގޮސްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހި ޕާސްޕޯޓަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އޮތް އެންމެ ބާރުގަދަ އަދި އިތުބާރު ހިފޭ އެއް ޕާސްޕޯޓެވެ.

