
ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންނަށް ވަޒީފާގެ މާޙައުލުގައި ދިމާވަމުންދާ ތަފާތު އެކި ދަތިތައް ދެނެގަނެ، އެ ކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާ އެކު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ސީއެސްސީގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރަޝީދު ހާމަކުރެއްވި ގޮތުގައި، ޓީޗަރުންގެ ޝަކުވާތައް ގާތުން އަޑުއެހުމަށްޓަކައި މާލެ ސަރަޙައްދުގެ ގިނަ ސްކޫލްތަކެއްގެ މުވައްޒަފުންނާ މިހާރު ވަނީ ބައްދަލުކުރެވިފައެވެ. މި ބައްދަލުވުންތަކުން އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ، އަލަށް ތަޢާރަފުކުރެވުނު ޕޭ ފްރޭމްވޯކާ އެކު މުސާރައާއި މަޤާމުގެ ކުރިއެރުން ދިނުމުގައި ހުރި އުނިކަންކަމުގެ ވާހަކައެވެ.
ވަކިން ޚާއްޞަކޮށް، ރޭންކު ކަނޑައެޅުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އިތުރު ގަޑީގެ ފައިސާއާއި، ހަފުތާ ބަންދު ދުވަސްތަކުގައި މަސައްކަތްކުރަން ޖެހުމުގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް ސީއެސްސީން ދަނީ ނޭޝަނަލް ޕޭ ކޮމިޝަނާއި ތަޢުލީމީ ވުޒާރާއާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ސިވިލް ސަރވިސްގައި އެންމެ ބޮޑު އާބާދީއެއް އޮންނަނީ ތަޢުލީމީ ދާއިރާގައެވެ. މިއީ އެންމެ ބުރަކޮށް އަދި އެންމެ ގިނަ ވަގުތު މަސައްކަތްކުރަންޖެހޭ އެއް ދާއިރާކަމަށްވާއިރު، މުދައްރިސުންގެ އިތުރުން ނަރުހުންނަކީ ވެސް އާންމު އުސޫލުތަކާ ޚިލާފަށް ޑިއުޓީ އަދާކުރަންޖެހޭ ބަޔަކަށްވާތީ، މި ދެ ދާއިރާގެ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކަށް ވަރަށް އަވަހަށް މުހިންމު ބަދަލުތަކެއް އަންނާނެކަމުގެ ޔަޤީންކަން ސީއެސްސީން ވަނީ ދީފައެވެ.

