
ގ. ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފަށައިފިއެވެ.
އެ އޮތޯރިޓީން މައުލޫމާތު ދެއްވާ ގޮތުގައި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ވެރިންނާ ގުޅިގެން އެޕާޓްމަންޓްތަކަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ބެލުމުގެ މަސައްކަތެވެ. މިގޮތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ގެއްލުންވި ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދައުލަތުން ހަމަޖައްސައިދޭނެއެވެ. މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 109 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިހާތަނަށް 95،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އާދިއްތަ ދުވަހުގެ ރޭ ގ. ފުންފަޅުގޭ 5ވަނަ ފަންގިފިލާގައި ހިނގި މި ހާދިސާއާ ގުޅިގެން، 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ވަނީ ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައެވެ. އޭގެ އިތުރުން، އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ 5ވަނަ ފަންގިފިލާގެ 3 އެޕާޓްމަންޓެއްގައި އުޅޭ 16 މީހަކަށް ފަސް ދުވަހަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ވަނީ ގަޑިއެއްހާއިރުގެ ތެރޭގައި ކޮންޓްރޯލްކޮށްފައެވެ. އަލިފާނުގެ ސަބަބުން ސީދާ ގޮތެއްގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ބޯ ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗުން އަދި 3 މީހަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ. މިހާރު ކުރިއަށްދަނީ ދުމާއި ގެންދަބުޅީގެ ސަބަބުން ހަޑިވެފައިވާ ތަންތަން ސާފުކުރުމުގެ މަސައްކަތެވެ.

