
މާލޭ ހުޅަނގު ބަނދަރު ސަރަހައްދުގައި ހުންނަ ފުޑް ކޯޓުތައް ރޭ ބަލައިފާސްކޮށް، ގާނޫނާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 27 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ރޭ ހިންގި މި ކުއްލި އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ ބިދޭސީން އިސްވެ ތިބެ ހިންގާ ވިޔަފާރިތަކަށެވެ. މި ހަރަކާތުގެ ތެރެއިން ޖުމްލަ 88 މީހެއްގެ މައުލޫމާތު ސާފުކޮށްފައިވާއިރު، އޭގެ ތެރެއިން 27 މީހަކީ ވޯކް ޕާމިޓް ނެތި ނުވަތަ ވިސާއާ ހިލާފަށް އާމްދަނީ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ މީހުންކަން ވަނީ ކަށަވަރުކުރެވިފައެވެ.
މިއީ ސަރުކާރުން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި” ގެ ތިންވަނަ މަރުހަލާގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަންގެ މައިގަނޑު އަމާޒަކީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ދެނެގަނެ، މިއަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް އެފަދަ ފަރާތްތައް ގައުމުން ފޮނުވާލުމެވެ. އެހެންނަމަވެސް، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އަންނަނީ އެ ފުރުސަތު ވެސް ފަހިކޮށްދެމުންނެވެ.
މިހާތަނަށް މި މަޝްރޫއުގެ ދަށުން ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ ރެކޯޑުކުރެވިފައެވެ. އަންނަ އަހަރުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކަށް އިތުރު ފުރުސަތެއް ނުދީ ވަގުތުން ޑީޕޯޓުކުރާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް އޮތް ހަ މަސް ދުވަހަށް ދެމިގެންދާނެ މި ހަރަކާތުގެ ތިންވަނަ ފިޔަވަހީގައި، ގަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަކުރެވިފައިވާ 2895 މީހަކު ހޯދައި ފޮނުވާލުމަށް ވަނީ އަމާޒު ހިފާފައެވެ.

