
ސައުދީ އަރަބިއްޔާގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ޚާއްޞަ ވަފުދަކުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މި ވަފުދާ އެކު ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ޚާދިމުލްޙަރަމައިނިއްޝަރީފައިނި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދާއި، އެ ޤައުމުގެ ވަލީއަހުދު އަދި ބޮޑުވަޒީރު އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނު ޝުކުރު އަދާކުރެއްވީ، ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް ސައުދީން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި، ބަހައްޓަވާ ގާތްކަމަށްޓަކައެވެ.
މި ބައްދަލުކުރެއްވުމުގައި ސައުދީ ވަފުދުގެ ބޭފުޅުން ވަނީ، ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެބޭފުޅުންނަށް ކިޔުއްވި ހޫނު މަރުޙަބާއާއި، އަދާކުރެއްވި ފުރިހަމަ މެހެމާންދާރީ ފާހަގަކުރައްވައި ނުހަނު އިޚުލާޞްތެރިކަމާ އެކު ޝުކުރު ދަންނަވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް އަދި އުޚުއްވަތްތެރި ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް ދެ ޤައުމުން ވެސް ބޭނުންވާކަން ވަނީ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައީސް އޮފީހުގެ އިސް ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

