
އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ހިދުމަތްތައް ޑިޖިޓަލައިޒްކުރެވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވި ޓްރާންސްޕޯޓް މިނިސްޓްރީގައި މިހާރު ބޭނުންކުރާ ސިސްޓަމަށް ވުރެ ޒަމާނީ ފެންވަރުގެ ޑިޖިޓަލް ސިސްޓަމެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވަން ގަވް ނެޓްވޯކްގެ ތެރެއިން ކުރުމަށެވެ.
އެކަމާ ގުޅޭ ގޮތުން އިތުރަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ސުވާލުކުރެއްވުމުން ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަން ގަވްއާ ހަވާލުކޮށްގެން ވަކި ހާއްސަ ތަސައްވުރެއްގެ ތެރެއިން ހުރިހާ ޚިދުމަތެއް ޑިޖިޓަލް ލިބޭނެ މަގު ހަމަޖެއްސުން ކަމަށެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން، އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން،” އޭނާ ވިދާޅުވިއެވެ.
އެ ގޮތުން މި ވަގުތު ކުރަމުންދާ އެއް މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ނުވަތަ ލޭންޑް ޓްރާންސްޕޯޓް ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން މި ވަގުތު އަމާޒަކީ އޮގަސްޓް މަސް ނިމުމުގެ ކުރިން އެ ކަން ކުރުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

