
މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު 58 އަށްވުރެ ގިނަ މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން މި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރިއިރު، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިވެކުއޭޝަން ސެންޓަރެއް ޤާއިމުކޮށް ގިނަ ބަޔަކު ވަނީ އެ ތަނަށް ބަދަލުކޮށްފައެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދުމުގެ އަސަރުކޮށްގެން ހާލު ދެރަވި 28 މީހަކަށް ހޮސްޕިޓަލްތަކުގައި ވަނީ ފަރުވާދީފައެވެ. އެގޮތުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން 25 މީހަކަށް ފަރުވާދީފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ވަނީ ފަރުވާދީފައެވެ. އޭގެތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.
އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އަލިފާން ރޯވި ފަންގިފިލާގައި ހުރި ތިން އެޕާޓްމަންޓަށާއި، ހޮޅިތަކަށް ގެއްލުންވެ ފެނުގެ ޚިދުމަތް ކެނޑިފައިވާ އެހެނިހެން އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ޢާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންކަން އެ އިދާރާއިން އަންނަނީ ހަމަޖައްސައިދެމުންނެވެ.
މި ހާދިސާގެ މަޢުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ލިބިފައި ވަނީ ރޭ 22:49 ހާއިރުއެވެ. ރިޕޯޓް ލިބުމާ އެކު ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން އެ ސަރަޙައްދަށް ގޮސް ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން، ރޭ 23:48 ހާއިރުއެވެ.

