
ބިންހެލުންތައް އަންނަކަން ކުރިއާލާ ދެނެގަވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައި ނުވާކަމށް ރާއްޖޭގެ މެޓް އޮފީސްއިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން އެފަދައިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އޮންނަ ސަރަހައްދަށް ބިން ހެލުންތަކެއް އަތުވެދާނެކަމަށް ބުނާ ޕޯސްޓުތަކެއް ރާއްޖޭގެ ސޯޝަލް މީޑިއާ ޕޭޖަކުން ދައުރުކުރަމުންދާތީ އެކަމާ ގުޅިގެން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
ނަމަވެސް މިއީ ހަގީގަތެއް ނެތް ވާޙަކަތަކެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެގޮތުން ބިންހެލުންތައް ސައިންޓިފިކްގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައިނުވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
“ދިގު މުއްދަތަކަށް ބަލާއިރު ބިން ހެލުން އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެއެވެ. ނަމަވެސް ބިން ހެލުން އަންނާނެ ސީދާ ވަގުތެއް ތާރީހެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަތެއް ނެތެވެ”މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން އިތުރަށް ބުނީ ބިންހެލުންތަކުގެ މައުލޫމާތު މެދުކެނޑުމެއް ނެތި އެ އިދާރާއިން ބަލުމުންދާ ކަމަށެވެ.
އަދި ރާއްޖެއަށް އަސަރެއް ކޮށްފާނެ ފަދަ ބިންހެލުމެއް އަތުވެއްޖެނަމަ އެމްއެމްއެސްއިން އެ މައުލޫމާތުތައް ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުންދާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

