
ގައުމީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް “ފަވަރަ” އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވައިލުމުގެ އަމަލީ ޓެސްޓުތައް މި ހިނގާ މަހުގެ ތެރޭގައި ފެށުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުވެއްޖެއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ނިޒާމު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި ބަދަލާ އެކު ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވޭއިރު، ފަވަރަ އާއި ޔޫޕީއައި އިންޓަގްރޭޓް ކުރުމުގެ ފަހުމުނާމާގައި ދެފަރާތުން ސޮއިކޮށްފައި ވަނީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގައި އެއް މިންގަނޑަކުން އަމަލުކުރެވޭނެ ނޭޝަނަލް ކިއުއާރު ކޯޑު ސްޓޭންޑަޑެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ވެސް މަރުކަޒީ ބޭންކުން ދަނީ ކުރަމުންނެވެ. މި ސްޓޭންޑަޑް އެކުލަވައިލުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ބޭންކުތަކަކާއި ފައިސާގެ މުއާމަލާތްތަކުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއްވިއުގައަކުން ބަލައިގަންނަ، އެއްގޮތް ކޯޑުތަކަކަށް ހެދުމެވެ.

