
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އޮނިގަނޑު ވަރުގަދަކުރުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ދާއިރާތަކުގެ އިންތިޚާބުގެ ތެރެއިން، އެކިއެކި މަޤާމުތަކަށް 2500 އަށްވުރެ ގިނަ މަންދޫބުން އިންތިޚާބުވެގެންދާނެކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޖޫން 30 ގެ ނިޔަލަށް ކެންޑިޑޭޓުންނަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތައް ބަލައި ފާސްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ހޮވުމަށް ހަމަޖެހިފައި ވަނީ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން، އަންހެނުންނާއި ޒުވާނުންގެ ގޮފިތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ އިސްވެރިންނެވެ.
މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި ހަރަކާތަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، އިންތިޚާބީ 2500 އަށްވުރެ ގިނަ މަޤާމަށް އަންނަ ފަރާތްތަކުގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވެދިނުމާއި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުން ކަމަށެވެ. ފިރުޒުލް އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، ވޯޓުލުން ކުރިއަށްދާނީ ހޮވަންޖެހޭ އަދަދަށްވުރެ ގިނައިން ކެންޑިޑޭޓުން ކުރިމަތިލާފައިވާ 131 ރަށެއްގައެވެ.
ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާ މެންބަރުންނަކީ އޮޓަމެޓިކުން އެ ދާއިރާއެއްގެ ރައީސުންނެވެ. އެހެންކަމުން، ދާއިރާ ރައީސުން ހޮވުމަށް ވޯޓުލުން އޮންނާނީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައެވެ.
ޖޫން މަހުގެ 15ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތައް ހިމަނައިގެން ވޯޓާސް ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، ޝަކުވާ ހުށަހެޅުމަށް ޚާއްޞަ ޕޯޓަލްއެއް ވަނީ ގާއިމުކޮށްފައެވެ. ޕީއެންސީން އަމާޒު ހިފާފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18އަށް ބާއްވާ އެ ޕާޓީގެ މަތީ މަޖިލީހުގެ ކުރިން، ދާއިރާތަކުގެ އިންތިޚާބުގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމުމަށެވެ.

