ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ތަކުރާރުކުރެއްވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި، ބައިނަލްއަގުވާމީ މަސްރަޙުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަދާކުރަމުންދާ ލީޑާޝިޕްގެ ދައުރު ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ރާއްޖެ ގެންދިއުމުގެ ގައުމީ ތަސައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ރައީސްއާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން، ވިޔަފާރިއާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްގީއާއި ގުޅުންހުރި ދާއިރާތައް ހިމެނެއެވެ.
އެ ބައްދަލުކުރެއްވުމަކީ، ރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.