ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިޔުން ހިފެހެއްޓުމަށްޓަކައި މަރުކަޒީ ބޭންކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. އެގޮތުން، އެ އިދާރާއިން ހާމަކުރާގޮތުގައި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވެއެވެ. އަދި އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 ޕަސެންޓަށް އިތުރުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހާމަކުރެއެވެ.
އެމްއެމްއޭ އިން ހާމަކުރިގޮތުގައި ބޭރުފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު ފާއިތުވި ހަތަރު އަހަރުގައި ހުރީ 10 އިންސައްތައިގައި ކަމަށެވެ. ނަމަވެސް، ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު މި އަދަދު މިހާރު ވަނީ 21 އިންސައްތަ އިތުރުވެފައެވެ.
ބޭރުފައިސާއިން ލިބޭ އާމްދަނީގެ ތެރެއިން އެމްއެމްއޭ އަށް 90 އިންސައްތަ ގެނެވޭއިރު، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށް ޓަކައި އޭގެ 60 އިންސައްތަ ބޭނުންކުރެއެވެ. މި ގޮތުން މި އަހަރު ވެސް ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ދަރަންޏަށް ދައްކާފައިވާ ވަރަށް ވުރެ 51 އިންސައްތަ އިތުރު އަދަދެކެވެ.
ދަރަނި ދެއްކުމަށް ބޭނުންވާ ޑޮލަރުގެ އިތުރުން އެހެން ޒަރޫރީ ބޭނުންތަކަށް، ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުން ފަދަ ކަންތައްތަކަށް ވެސް ޑޮލަރު އާމްދަނީން ހޭދަކުރެއެވެ. މީގެ އިތުރުން އެމްއެމްއޭއަށް ގެނެވޭ 90 އިންސައްތައިގެ ތެރެއިން 30 އިންސައްތަ އަނބުރާ މާކެޓް އިންޓަވެންޝަންގެ ގޮތުގައި ބޭންކުތަކަށް ފޯރުކޮށްދެމުންދާކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. “ދަރަނި ދައްކަމުން ވެސް 30 އިންސައްތަ ބޭންކިން ނިޒާމަށް އަނބުރާ ދެވޭކަމީ މި ސިޔާސަތުގެ ހަރުދަނާކަން” އެމްއެމްއޭގެ ފަރާތުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވިއެވެ.
އެމްއެމްއޭ އިން ހާމަކުރާގޮތުގައި އެ އިދާރާއަށް ގެނެވޭ ހުރިހާ ޑޮލަރެއް ބޭނުންކުރަނީ ހަމައެކަނި ދަރަނި ދެއްކުމާއި ސަރުކާރުގެ އެކި ބޭނުންތަކަކަށް އެކަނި ނޫންކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް އެމްއެމްއޭ އަށް ގެނެވޭ އަދަދުގެ 30 އިންސައްތަ އަބަދު ވެސް ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުންނަށް ފޯރުކޮށްދެމުން ގެންދާކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. އަދި ވަކިން ޚާއްސަކޮށް މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް އިސްކަމެއް ދީފައިވާކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ ކުރިން 5 އިންސައްތައިގެ ޓީޓީ ސަޕޯޓެއް ދެމުން ދިޔަ ބޭންކުތަކުން މިހާރު 30 އިންސައްތައާ ހަމައަށް ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދެމުން ގެންދާކަމަށެވެ. އަދި އެމްއެމްއޭގެ އަމާޒަކީ މި އަދަދު 50 އިންސައްތައަށް ބޮޑުކުރުން ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.
އެމްއެމްއޭ އިން ހާމަކުރާގޮތުގައި ބޭރުފައިސާގެ ސިޔާސަތަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި އެ ބަދަލުތަކުގެ ހަޤީޤީ މަންފާ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކާއިއެކު ފެންނަން ފަށާނެކަމަށެވެ.