އަންނަ މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެން ފެށޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.
ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 25 މިލިއަން ރުފިޔާ ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
މިމަހު 14 ވަނަ ދުވަހުގެ ރޭކުރިއަށް ދިޔަ “އަހާ” ފޯރަމްގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އުސޫލުތައް އެކުލަވާލުމުގައި ފަންނުވެރިންގެ ލަފަޔާއި ހިޔާލު ހޯދާފައިވާކަމަށާއި، މިހާރު ގަވާއިދުތައް އެކުލަވާލަމުންދާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އަންނަ މަހު މި އެހީތެރިކަން ދޭން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިން އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެވޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ފަންނުވެރިންނަށް ހާއްސަކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތް މި އަހަރު ތެރޭގައި ނިންމައި، ފަންނުވެރިންނަށް މި ވަސީލަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.