“ސިތާރާ ބޭނުންހާ ގޮތެއް ނުހެދޭނެ” ޓްރެއިލާ ފަށަނީ ރުޅިވެރިކަމާއިއެކު ބުނާ މި ޑައިލޮގުންނެވެ. ރީލްސް އަދި ދެން ގުޅިގެން މުޅިން އަލަށް ފެށި އިންޓަވިއު ސީރީޒް “ސްޓާޓޯކް” ގެ ފުރަތަމަ އެޕިސޯޑުގައި ގެނަސްދިނީ އަންނަ އޯގަސްޓު މަހުގެ 6 ވަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި ޕްރިމިއާ ކުރަން ތައްޔާރުވެފައިވާ ދިވެހި ފިލްމު “ލޯބިން…؟” ގެ ކާސްޓުންނާއި ޑައިރެކްޓަރުގެ ވާހަކަތަކެކެވެ.
އެންމެ ފުރަތަމަ ފިލްމުގެ ކުރު ތައާރަފެއް ހިއްސާ ކޮށްލާނަމެވެ. މިއީ ޑައިރެކްޓަރު އިލިޔާސް ވަހީދުގެ އައިފިލްމްސްގެ އިތުރުން އަހުމަދު އިފްނާޒް އަދި ތާތި އާދަމްގެ އިންޖީނިއަސް ވިޝުއަލް ފެކްޓަރީ، މީގެ އިތުރުން ލައިޓްސްއައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނަސްދޭ ފިލްމެކެވެ. ފިލްމު ލިޔެ ޑައިރެކްޓު ކުރީ އިލިޔާސް އެވެ. އެސިސްޓެންޓް ޑައިރެކްޓަރަކީ އިފްނާޒް އެވެ. މަންޒަރުތައް ނަގައިދީފައިވަނީ ލައިޓްސްއައުޓުގެ ސަމާހު އިބްރާހީމް އެވެ. މޭކަޕްތައް ކޮށްދިނީ ރުތުބާ އެވެ.
“ލޯބިން…؟” ގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ އައިފިލްމްސްގެ އަހަރީ ދުވަހު ދޫކޮށްލި ޓައިޓަލް ރިވީލްއާއިއެކު އެވެ. އޭރު ފަލަ ސުރުހީ އެޅީ އިލިޔާސް މުޅިން އަލަށް ލޯބީގެ ފިލްމަކަށް ފައި ހެޔޮވަރުކުރަން އުޅޭކަމަށް ބުނެ އެވެ. އެކަމަކު ސްޓާޓޯކްގައި ދެކެވުނީ މުޅިން އެހެން ވާހަކަ އެކެވެ.

“އިފްނާޒް ބުނާނީ މިއީ ލަވް ޓްރެޖިޑީ އެކޭ…” ފިލްމުގެ ލީޑް އެކްޓަރު ސިފަ ކުރީ މިފިލްމަކީ ލޯބީގެ ހިތާމަވެރި ވާހަކައެއްގެ ގޮތުގަ އެވެ.
ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރުގެ ރޯލުވެސް އަދާކުރި ތާތި ބުނީ މިއީ ވަރަށް ބޮޑު ވާހަކައެއް އަދި ބައިވަރު ވާހަކަތަކެއް ކިޔައިދޭނެ ފިލްމެއް ކަމަށެވެ. ފިލްމުގައި ލޯބި ނޫން އެހެން އެއްޗެއް ނުހިމެނޭނެކަމަށް ހީކުރާ މީހުންނަށް އެ ކުރެވެނީ ކުށް ހީއެކެވެ. މިއީ ދިވެހި މުޖުތަމައުގައި ހިނގާ ވަރަށް މޮޑު އިޖުތިމާއީ މައްސަލައަކާއި އެ މައްސަލައާއި ގުޅުންހުރި އެހެނިހެންވެސް މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
އިލިޔާސްގެ ވާހަކައިން އެ މައްސަލައަކީ ހަށިވިއްކުމުގެ މުޑުދާރު އަމަލުކަން ސާފުވި އެވެ. “މި ފިލްމުގަ ކިޔައިދޭނީ ކަން ދިމާކުރާ ގޮތުން ހަށިވިއްކަން މަޖުބޫރުވެފައިވާ ކުއްޖެއްގެ ވާހަކަ”

ހަށިވިއްކުމަކީ މިފަހުން ދިވެހިރާއްޖޭގައި ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އަންނަ މައްސަލައެކެވެ. ބޭރުން އަންހެން ކުދިން ގެނަސްގެން ރާއްޖޭގައި މި ވިޔަފާރި ކުރާއިރު ހިތާމައަކީ މަދުން ނަމަވެސް މި ވިޔަފާރީގައި ދިވެހިންވެސް ބައިވެރިވާ ކަމެވެ. ކަން މިހެން އޮތްއިރު ފިލްމެއްގެ ޒަރިއްޔާއިން މިފަދަ ވާހަކައެއް ކިޔައިދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ މިއީ ވަރަށް ސެންސިޓިވް ނުވަތަ ނާޒުކު މައްސަލަ އެކެވެ. ވާހަކަ ގެނަސްދޭ ގޮތުން މީހުންނަށް ދޭން އުޅޭ މެސެޖު ސާފު ނުވުމުގެ ބިރު އެބަ އޮތެވެ. އިފްނާޒުގެ ފުރަތަމަ ބިރަކީވެސް މިއީ އެވެ.
“މިފިލްމު ހިޔާލެއްގެ ގޮތުގަ އޮތްއިރު އިފްނާޒްވެސް އެހެން ހިތަށް އެރި. މިކަހަލަ ވާހަކައެއް ގެނަސްދޭނީ ކިހިނެއް ހެއްޔޭ. މީހުން މިފިލްމު ބަލަން ދާނެ ހެއްޔޭ”
އިލިޔާސް ލިޔެ ޑައިރެކްޓު ކުރި ފުރަތަމަ ފިލްމު “ބަވަތި” މިއީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި އޭގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލައެއްގެ މައްޗަށް ތައްޔާރު ކުރި ފިލްމެކެވެ. އޭގެ ފަހުން އޭނާގެ އެންމެ މަގުބޫލުވި ފިލްމު “ނީނާ” އަކީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާ އާއި ގޭންގު ކުށްތަކުގެ މައްޗަށް ތައްޔާރު ކުރި ފިލްމެކެވެ. މި ދެފިލްމުވެސް ގެނަސްދިނީ ސީދާ މައްސަލައަށް އެޑްރެސް ކުރުމުގެ ބަދަލުގައި ނުސީދާ ހާދިސާތަކަކާއިއެކު ވަރަށް ތަފާތު ގޮތަކަށެވެ. “ލޯބިން…؟” އިއްލެގެ ގަލަމުން ހުދު ކަރުދާހަށް އައިއިރު އިފްނާޒުގެ ޝައްކުވެސް ފިލާ ހިނގައްޖެ އެވެ. މިއީ އިލިޔާސް މިހާތަނަށް ލިޔުނު އެންމެ ވަރުގަދަ ސްކްރިޕްޓުގެ ގޮތުގައި ތާތިވެސް ސިފަ ކުރި އެވެ.

ގޮންޖެހުން ނިމެނީ ހަމައެކަނި އިލިޔާސްއާ ހިސާބުން އެކަންޏެއް ނޫނެވެ. ތާތި އަކީ ފިލްމުގައި ހަށިވިއްކާ ކުއްޖާގެ ރޯލު ކުޅޭ ބަތަލާ އެވެ. ހަށިވިއްކާ މީހަކު އޭނާ އުޅޭ ގޮތް ނުވަތަ އުޅެންޖެހޭ ގޮތް ޕަބްލިކްގައި ކިޔައެއް ނުދޭނެ އެވެ. އެފަދަ މީހެއްގެ އުޅުމާއި ވިސްނުން އަދި ހަރަކާތްތައް ދެނެގަތުމަކީ ފިލްމަކަށް ވަރަށް މުހިންމު ކަމެކެވެ. ތާތިއަށް ސިތާރާ އުފައްދަން ޖެހުނީ ހަނި ވައިގެ ތެރެއިންނެވެ. އިލިޔާސްގެ ވިސްނުމާއިއެކު ސިތާރާ ފިލްމުގެ ފޭރާމަށް ހެޔޮވަރު ކުރީ ވަރަށް ބުރަ މަސައްކަތަކާއިއެކު އެވެ.
އިލިޔާސްގެ ފުރަތަމަ ފިލްމުގައި އިފްނާޒު އަދާކުރީ ވަރަށް މަޑުމައިތިރި ލޯބި މީހެއްގެ ރޯލެވެ. ގިނަ ބައެއްގެ ލޯބިވެސް ލިބުނު އިބޫގެ ކެރެކްޓާއަކީ އިފްނާޒުއޭ ބުނުމުން ގިނަ ބަޔަކަށް ސިފަވެސް ކުރެވޭނެ ރޯލެވެ. ކަން ދިމާކުރި ގޮތުން “ލޯބިން…؟” ގައި އިފްނާޒު ކުޅެން ޖެހުނު ޒިޔާދު އާއި އިބޫ އާއި ވަރަށް އެއްގޮތްކަމެއް ހުއްޓެވެ. ދެ ކެރެކްޓާ ވަކިކުރަން ލިބުނީ ވަރަށް ހަނި ޖާގައެކެވެ. އިފްނާޒުވެސް މި ރޯލަށް ތައްޔާރުވާން ކުރަން ޖެހުނީ ކުޑަ މަސައްކަތެއް ނޫނެވެ. އެތައް ވިސްނުމަކާއި އެތައް ރީޓޭކަކަށްފަހު ޒިޔާދުވެސް ލިބިއްޖެ އެވެ. ދެން އުފެދެނީ ސުވާލެކެވެ. އިފްނާޒު ބުނާ ގޮތުން ޒިޔާދުއަކީ ކަމުދާ މީހެއް ނޫނެވެ. މިހާ މަޑުމައިތިރި ލޯބި މީހަކު ކަމު ނުދާންވީ ކީއްވެ ހެއްޔެވެ؟

ފިލްމުގެ ލީޑު އެއް އެކްޓަރު އަހުމަދު ޝާރިފްއަށް މި ފިލްމަކީ ހިތްހަމަޖެހުމެވެ. އެކަމަކު އޭނާ ކުޅޭ ރޯލާއިމެދު ޔަގީނާއި ގާތަށް އެއްޗެއް ދަންނަވަން ދައްޗެވެ. އޭނާގެ ވާހަކައިން މި ރޯލާއި ގަޔާވާނެ ނުވަތަ ހިތްހަމަޖެހޭނެ ބަޔަކުވެސް އުޅޭނެ އެވެ. އެކަމަކު ރުޅި އައިސްދާނެ ބަޔަކުވެސް އުޅޭނެ އެވެ. ޝާރިފް އަދާކުރާ އަގީލު ކެރެކްޓާއަކީ ސިތާރާ އުފަލުގަ ބަހައްޓަން ކުރެވުނު ކޮންމެ ކަމެއް ކުރާ މީހެކެވެ. އެކަމަކު ބެލުންތެރިން އަގީލު ދެކެ ރުޅިއަންނަންވީ ކީއްވެ ކަމެއް އެއްގޮތަކަށްވެސް ސާފުވާ ގޮތެއް ނުވި އެވެ.
މިފަހަރު އެންމެ ބޮޑަށް ފަރުދާ ކުރެވިފައި މިވަނީ ބަތަލާ ނުޒުހަތު ޝުއައިބު ކުޅޭ ރޯލެވެ. އޭނާ ފިލްމުގައި އަދާކުރާ ރޯލު ހުންނަނީ ބުރުގާ އަޅައިގެންނެވެ. އެކަމަކު އެއީ ކިހިނެއްވާ ކޮން ވައްތަރެއްގެ ކެރެކްޓާއެއް ކަން ބުނެދޭކަށް އިލިޔާސް އަދި ބޭނުމެއް ނުވެ އެވެ.

ފިލްމު ބަލަން އޮލިމްޕަހަށް ދާންވީ ސަބަބާއިމެދުވެސް ސުވާލު ކޮށްލީމެވެ. މިއީ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. ހަށިވިއްކުމުގެ ވިޔަފާރީގެ އިތުރުން އޭގެ ވަށައިގެންވާ ކުށުގެ ވެށި ފިލްމުގައި ކިޔައިދޭނެ އެވެ. ފިލްމުގައި ހަރަކާތްތެރިވާ އެންމެންވެސް ބުނާ ގޮތުން މިފިލްމު ބަލަން ދާންވީ އެ ދޭންއުޅޭ މެސެޖު ލިބިގަންނާށެވެ. އެކި މީހުންނާއި ގުޅޭނީ ފިލްމުގެ އެކި ވާހަކަތަކެވެ. އެހެންވެ އެކި މީހުންނަށް އިހުސާސް ކުރެވޭނީވެސް ފިލްމުގެ އެކި އިމޯޝަންތަކެވެ. ފަހަރުގައި އެންމެންނަށް ނުރޮވިދާނެ އެވެ. އެންމެން ރޯކަށް ނުވެސް ޖެހެ އެވެ. މިފިލްމުގެ މަގްސަދަކީ ފޯރުކޮށްދޭން ބޭނުންވާ އިޖުތިމާއީ މެސެޖު އެންމެންނަށްވެސް ފޯރުކޮށްދިނުމެވެ.
ފިލްމުގެ ޓިކެޓު މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ފުރަތަމަ ތިން ޝޯގެ ޓިކެޓު މިހާރު ލިބޭނެ އެވެ. “ލޯބިން…؟” ސިނަމާއަށް އަންނަން މަހަކަށްވުރެއް ކުޑަތަން ވެފައިވާއިރު، ސްޓާޓޯކްގެ ކުރިއަށް އޮތް އެޕިސޯޑުގައިވެސް މިފިލްމާއި ގުޅުންހުރި އިތުރު ވާހަކަތަކެއް ގެނަސްދޭނަމެވެ.