ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށްޓަކައި އާރުއެސްޑަބްލިއު ފައިނޭންސިންގް ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފި އެެވެ.
ފިޝަރީޒް މިނިސްޓްރީ އާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމުކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ.
ނަމަވެސް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެ ލޯނަށް އެދުމުގެ ފުރުސަތު އިތުރު ލުއިތަކަކާއި އެކު މިހާރު އަލުން ހުޅުވާލާފައިވާ ކަމަށެވެ.
ލޯނަށް އެދުމަށް ދިން ލުއިތަކުގެ ތެރޭގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު އެއް އަހަރުގެ މުއްދަތަކުން ތިން މަސް ދުވަހަށް ކުޑަކޮށް އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ވެސް ލޯނަށް އެދުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ.
އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެ ކަމަށާއި އެކަމަކު ލުއިތަކާއި އެކު ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގާތްގަނޑަކަށް 100 އެއްހާ ދޯނީގައި އާރުއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ފެސިލިޓީ ހަމަޖެހިފައިވާ ކަމަށެވެ.
އެ ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭނެ އެވެ. އަދި އެ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރުއެސްޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ.