އަޟްހާ އީދު ދުވަސް ފާހަގަ ކުރުމަށް އާންމުން ހިންގާ ހަރަކާތްތަކަށް މަގުފަހިކުރުމަށް މިއަދު ހަވީރު ގްރޭޓާ މާލެ އޭރިއާގެ ހުރިހާ މަގެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، އުޅަނދު ދުއްވުން މަނާ ވާނީ ހަމައެކަނި މާލެ އާއި ވިލިމާލޭގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލެ އޭރިއާގެ ހުރިހާ މަގުތަކެއްގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުން މަނާ ވާނެ ކަމަށެވެ. އެގޮތަށް އިއުލާނުކުރީ އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާއިން ފާސްކޮށްފައި ވާތީ ކަމަށް ވަނީ ބުނެފަ އެވެ.
އެ ވަގުތުތަކުގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާއަކާ ދުއްވޭނެ ކަމަށް އިއުލާނުގައިވެ އެވެ. އަދި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނިކޮށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން އިއްޔެ ހަވީރު ވަނީ ކަމާ ގުޅުންހުރި އިއުލާނެއް ނެރެފަ އެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިއަދު ހަވީރު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވާނީ މާލެ އާއި ވިލިމާލޭގެ މަގުތަކުގަ އެވެ. ހުޅުމާލެ ނުހިމަނައި ފާހަގަކޮށްފައި ވަނީ ނިންމުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގަ އެވެ.
އުޅަނދު ދުއްވުން މަނާ ވަގުތުގައި ހަތަރު ބާވަތެއްގެ އުޅަނދު ދުއްވުން ވަނީ ހުއްދަކޮށްފަ އެވެ. އެއީ:
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތައް
- އެމްބިއުލެންސް
- ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތައް
- ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް
- ފުރާމީހުން ބޭނުން ކުރުމަށް ހުއްދަ ދެވޭ އުޅަނދުތައް
ކަމާ ގުޅިގެން ފުލުހުން ވެސް ވަނީ “އެކްސް” ގައި ޕޯސްޓެއް ކޮށްފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނެކޭ އެއްގޮތަށް އެ ޕޯސްޓުގައި ވެސް ހުޅުމާލެ ނުހިމެނެ އެވެ.
1446 ވަނަ އަހަރު އަޟްޙާ ޢީދު ދުވަހު (މިއަދު) މާލެ އަދި ވިލިމާލޭ ގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު. pic.twitter.com/demM8QbrLY
— Maldives Police (@PoliceMv) June 6, 2025
ސިޓީ ކައުންސިލުން ކުރިން ނެރުނު އިއުލާނާ ހަވާލާދީ މިއަދު މެންދުރުފަހު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު އުޅަނދު ނުދެއްވޭނީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. ހުޅުމާލޭގައި އުޅަނދު ބޭނުން ކުރެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.