ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ފްރާންސަށް ފުރާވަޑައިގެންފި އެވެ.
މި މަހުގެ 9 އިން 13 އަށް ފްރާންސްގެ ނީސްގައި ކުރިއަށްދާ މި ކޮންފަރެންސް ހުޅުވާ ސެޝަނުގައި ރާއްޖޭގެ ފަރާތުން ޝިޔާމް ވާހަކަ ދައްކަވާނެ އެވެ.
މިނިސްޓަރުގެ ވާހަކައިގައި ރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަން ފާހަގަކުރައްވައި، ރާއްޖެ ފަދަ ކުޑަ، ޖަޒީރާ ގައުމަކުން ކަނޑުގެ ވެށި ހިމާޔަތްކޮށް، ބެލެހެއްޓުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެ އެވެ. އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާނެ އެވެ.
މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ އެންމެ މުހިންމު އެއް ނުކުތާއަކީ ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާ އެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ގައުމުތަކުގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިންމުކަމާ ގުޅޭގޮތުންނެވެ.
ހާއްސަކޮށް ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރި ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅޭ ފަންޑު އިތުރުކުރުމުގެ މުހިންމު ކަމަށާ އަދި މިފަދަ ފަންޑުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބޭނުން ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް މިހާރު ވެސް އަޅައި ތަންފީޒު ކުރަމުންދާ ގައުމުތަކަށް ހާއްސަ އިމްތިޔާޒްތަކެއް އޮންނަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަކާލާތު ކުރައްވާނެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ މުޅި ދުނިޔޭގައި ވެސް ކުރެވޭ ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރި ކަމަށް ވީއިރު، މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ޓެރިފްގެ އެންމެ ބޮޑު ބުރައެއް އުފުލަން ޖެހޭ އެއް ގައުމަކީ ރާއްޖެކަން ފާހަގަކޮށް، އެކަމުގެ ސަބަބުން މަހުގެ ވިޔަފާރީގައި އެއްހަމައެއްގައި ވާދަކުރުމަށް ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަޔާންކޮށްދެއްވާނެ އެވެ.
އަދި މަހުގެ ބާވަތްތަކުގެ ޓެރިފް ކަނޑައެޅުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ބާރު ލިބޭ ގޮތަށް ޓެރިފް ކަނޑައެޅިގެން ދިއުމުގެ މުހިންމުކަން ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލު ކަމަށް ގެނައުމަށް ވަކާލާތު ކުރައްވާނެ އެވެ.
މި ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގެ ހަވާސާގައި ރާއްޖެއިން އިސްނަގައިގެން ހާއްސަ ސެޝަނެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. ސެޝަންގައި ރާއްޖެ ފަދަ ގައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީ ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރެވޭ މަސްވެރިކަމެއްކަން ޔަގީންކުރުމަށް ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެ އެވެ.