ކޮންމެ އީދަކީ ވެސް އުފާވެރި ހަނދާންތަކެއް އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަމަށް އިލްތިމާސް ކުރެއްވީ އީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ހިތޯބުގަ އެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ރައީސް ވަނީ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި ކުލުނު ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފަ އެވެ.
ހަމަ އެއާއެކު، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅާލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ ސިފަ ކުރައްވާފައި ވަނީ ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ހިތޯބުގައި ފާހަގަކުރައްވާފައިވެ އެވެ.
“ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާ، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާ، ގާތްތިމާގެ ކަމާ ރަހްމަތްތެރިކަން އިތުރަށް ބަދަހިކުރުމާ، ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، އީދުގެ ހަގީގީ ޒީނަތްތެރިކަމެވެ.” ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހިތޯބު ނިންމަވާލައްވާފައި ވަނީ ދިވެހި ރައްޔިތުންނަށް މި އަހަރުގެ ބޮޑު އީދަކީ އަމާންކަމާއި ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.
އީދުގެ ތަހުނިޔާ ދަންނަވައި ފޮނުއްވި ހިތޯބެކޭ އެއްގޮތަށް އެމަނިކުފާނުގެ ރަސްމީ “އެކްސް” އެކައުންޓުން ވެސް ވަނީ ބަރަކާތްތެރި ކޮންމެ މޫސުމެއްގައި ވެސް އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ބާރުއަޅުއްވާފަ އެވެ.