ހައްޖަށް ދާން ޖަހާ ވެކްސިނާއި ހައްޖަށް ގޮސް ނަގާ ބޭސް ދިވެހި ހައްޖުވެރިންނަށް ހިލޭ ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން ވެސް ދިވެހި ހައްޖުވެރިންނަށް ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގަން ޖެހޭ ބޭސް ހިލޭ ލިބޭނެ އެވެ.
އަދި ހައްޖަށް ދާން ޖަހާ ވެކްސިނާއި ބޭނުންވާ އެހެނިހެން ސިއްހީ ކަންކަން ވެސް ހިލޭ ލިބުމުގެ އިތުރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ހައްޖުވެރިންގެ ހުރިހާ ކަމެއް ވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސައުދީ ސަރުކާރުން ކޮށްދީފައިވާ ކަންކަން ވެސް ރައީސް އަލިއަޅުއްވައިލެއްވި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. ދިވެހިންނަށް ޚާއްޞަ ކްލިނިކެއް ވެސް ޤާއިމުކޮށް ދެއްވާފައިވާ ކަން ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމަކަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަދި އެންމެހައި ދިވެހި ޙައްޖާޖީންގެ ފަރާތްޕުޅުން ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް 1000 ދިވެހިން ސައުދީއަށް ދިޔަ އެވެ.