މިދިޔަ މެއި މަހުގެ ކަރަންޓު ބިލު ވެސް ސަރުކާރުން ކަނޑައަޅާފައިވާ އާ ޓެރިފު ރޭޓުގައި ދިނުމަށް ސަރުކާރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މައި ދެ ކުންފުނި ކަމަށްވާ ސްޓެލްކޯއާއި ފެނަކައިން ވެސް ނިންމައިފި އެވެ.
ސްޓެލްކޯއިން ބުނީ މިދިޔަ މެއި ކަރަންޓު ބިލު އެކުލަވާލާފައި ވާނީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު އިއުލާންކުރެއްވި އާ ޓެރިފް ރޭޓާ އެއް ގޮތަށް ކަމަށެވެ.
ފެނަކައިން ވެސް ބުނީ ރައީސް އިއުލާންކުރެއްވި ޓެރިފް ރޭޓަށް މެއި މަހުގެ ބިލު އަލުން އެކުލަވާލައި ފޮނުވާނެ ކަމަށެވެ. މިހާރު މެއި މަހުގެ ކަރަންޓު ބިލު ދައްކާފައިވާ ފަރާތްތަކަށް، ޖޫން މަހުގެ ކަރަންޓު ބިލުން އިތުރުވާ އަދަދެއް އުނިކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
ރައީސް މުއިއްޒު މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެއްވި ގޮތުގައި އެ ބަދަލު އަންނަނީ މި ފެށުނު ޖޫން މަހުން ފެށިގެނެވެ. ނަމަވެސް ސްޓެލްކޯއާއި ފެނަކައިގެ މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކަށް މިހާރު މެއި މަހު ވެސް ކަރަންޓު ބިލު އަގުހެޔޮވާނެ އެވެ.
ފެނަކައަކީ މީހުން ދިރިއުޅޭ އެންމެ ގިނަ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުންޏެވެ. 150 އަށްވުރެ ގިނަ ރަށަށް ފެނަކައިން ކަރަންޓުގެ ހިދުމަތް ދެ އެވެ. ސްޓެލްކޯއަކީ ވެރިރަށް މާލެ ސަރަހައްދާއި މާލެއާ އެންމެ ކައިރި ތިން އަތޮޅުގެ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދޭ ކުންފުންޏެވެ.