މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) އަށް ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް މީހަކު ހޮވުމަށް ހަމަޖެހިފައި ވަނީ ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ.
ސީއެފްއޯ ކަމަށް ކުރިމަތިލާ ފަރާތަކީ މަގާމާ ގުޅުންހުރި ދާއިރާތަކުން 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމާ އެކު ގާނޫނީ، އިކޮނޮމިކްސް، އެކައުންޓިން ނުވަތަ ބިޒްނަސް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި އެ ފަރާތަކީ މުއައްސަސާއެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ލާޒިމު ކުރެ އެވެ.
މިފްސާގެ ސީއެފްއޯގެ މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހަކު 57،000 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ.
މިފްސާއަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.