
އުމުރުން 75 އަހަރު ވާންދެން ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރީ-އެމްޕްލޯއިމެންޓް ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލުގެ މަގުސަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި ރީ-އެމްޕްލޯއިމެންޓް އުސޫލުތައް ކަނޑައެޅުމެވެ.
ބިލުގައިވާ ގޮތުން، ރީ-އެމްޕްލޯއިމެންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބެން ބޭނުންވާ މީހުންނަށެވެ. އަދި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ މީހުންގެ ތެރެއިން، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ހައްގުވާ އުމުރު ހަމަވެ. ވަޒީފާއިން ވަކިވެފައި ތިބި މީހުންނަށް ވެސް އަލުން ވަޒީފާ ހަމަޖެހިގެންދާނެއެވެ.
ބިލުގައި އިތުރަށް ބުނެފައި ވަނީ، މި އުސޫލުގެ ދަށުން ވަޒީފާ ދޭނީ އަހަރުން އަހަރަށް އާ ކުރާ ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. މުވައްޒަފު ކުރިން ހުރި މަގާމަކަށް ވެސް ހަމަޖެއްސިދާނެއެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި ދިޔަ ހޯމަދުވަހުއެވެ.

