ހުއްޓިފައިވާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތައް ހިމެނޭހެން 550 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަަމަށާއި މި މަހާއި އަންނަ މަހު އެ މަޝްރޫއުތަކުގެ މަސައްކަތް ފެށޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
މި ސަރުކާރުން ވެރިކަަމަށް އައުމަށް ފަހު މަޝްރޫއުތައް ހުއްޓިފައި އޮތުމުން ފާޑުކިޔުންތައް އަަމާޒުވެފައި އޮތްއިރު މި އަހަރަކީ މަޝްރޫއުތައް ފެށިގެންދާނެ އަހަރު ކަމަށް ރައީސް އޮތީ ވިދާޅުވެފަ އެވެ.
މި މަހު ބޮޑެތި މަޝްރޫއުތަކުގައި ސޮއިކުރަން ފަށާފައިވާއިރު، ރައީސް އިއްޔެ ފެއްޓެވި “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވިދާޅުވީ ހުއްޓިފައި ހުރި މަޝްރޫއުތަކާ އަދި އަލަށް މި މަހާ އަދި އަންނަ މަހު ފަށާ މަޝްރޫއުތަކުގެ އަދަދު 550 އަށް ވުރެ ގިނަ ވާނެ ކަމަށެވެ.
“550 އަށް ވުރެ ގިނަ މަޝްރޫއު. ހުއްޓިފައި ހުރި މަޝްރޫއުތަކާއި މި އަހަރު ފަށަން ޖެހޭ މަޝްރޫއުތައް މިހާރު އެ ވަނީ ސޮއިކުރެވިފައި. އެ ކަންކަން މި މަހުގެ ތެރޭގައި އަދި މި އަންނަ މަހުގެ ތެރޭގައި ފެށިގެން އެ ދަނީ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށް، އެކި އުމުރުފުރައިގެ ފަރާތްތަކަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި އައުޓްޑޯ ޖިމްއެއް ހިމެނޭހެން ފިޓްނަސް ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އެ މަސައްކަތްތައް ފަށައި، މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
“މި ބަންދު ތެރޭގައި ވެސް، ފަހު ދިހައިގެ ތެރޭގައި ވެސް. އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. މުވައްޒަފުން މަސައްކަތް ކުރަމުން އެ ދަނީ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށެވެ. އިގުތިސޯދު މެނޭޖްކުރަމުން، ކަންކަމުގައި ލުއިތައް ދެމުން، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެމުންދާ ތަން ފެނިގެންދާނެކަން ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ.