
55 ކައުންސިލްގެ އިމާރާތްކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ކުރިން ނިމޭނެކަމަށް ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް 55 ރަށު ކައުންސިލެއްގެ މަސައްކަތް ކުރުމަށް މިދިޔަ އޮގަސްޓު މަހު ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެވެ. އެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 631 މިލިއަން ރުފިޔާ އަށެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުނީ 42 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅަން ފަށަން ތައްޔާރީތައް ހަމަޖެހިފައިވާ ކަމަށާއި އަދި 38 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅަން ބޭނުންވާ ސާމާނު އެ ރަށްރަށުގެ ސައިޓަށް ފޮނުވާފައިވާ ކަމަށެވެ.
ދުވަސްވުމުގެ ސަބަބުން، ބައުވެ ވީރާނާވެފައިވާ ކައުންަސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ހިންގާ 55 ކައުންސިލް މަޝްރޫޢުގެ އަދާހަމަ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއް. pic.twitter.com/sZhPL1xq4Y
— Ministry of Cities, Local Government, Public Works (@MoCLPmv) November 12, 2025
އާ ކައުންސިލް އިމާރާތްތައް އަޅާ ރަށްރަށުގެ ތެރޭގައި ވެރިކަން ކުރާ ބައެއް ރަށްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ފ.ނިލަންދޫއާއި ގއ. ވިލިނގިލި ފަދަ ރަށްތައް ވެސް ހިމެނެ އެވެ.
ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް މި މަހު ވިދާޅުވި ގޮތުގައި ކައުންސިލްގެ އިމާރާތްތައް އަޅަމުންދާ ފެންވަރު ބަލަން ރަށްރަށުގައި ކޮމިޓީތަކެއް ވެސް ހަދާނެ އެވެ.
މި ސަރުކާރުގެ އަމާޒަކީ 100އަށް ވުރެ ގިނަ ރަށުގައި ކައުންސިލް އިދާރާ ހިންގަން އާ އިމާރާތެއް އެޅުމެވެ.

