
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓް ލިބުނު މީހުންގެ ތެރެއިން، އިތުރު ފަސް ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން ތާވަލުކޮށްފައިވާ ގޮތަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަމާން އުދަރެސް ޓަވަރު 11، 12، 15 އަދި 16ވަނަ ޓަވަރުގައި ހިމެނޭ އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުން ފެށިފައިވާ ކަމަށާއި 13ވަނަ ޓަވަރުގެ ތަޅުދަނޑި ހަވާލުކުރުން މާދަމާ ފެށޭނެކަމަށް އެފްޑީސީން މަޢުލޫމާތުދެއެވެ.
މިގޮތުން މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:30އިން ފެށިގެން މެންދުރު 03:30އަށް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބުނެފައިވެއެވެ.
ފަހި ދިރިއުޅުން ފުލެޓްތައް ނިންމައި ހަވާލު ކުރެވޭނެ ތާރީޚްތަކެއްދީފި
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގައި ހިމެނޭ ތިން ކޮޓަރީގެ އެޕާމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 11،500ރ، ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހެއެވެ. އަދި ދެ ކޮޓަރީ އެޕާޓްމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 8،000ރ ކަމަށްވާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަންޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

