މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ 62 މަސްވެރިއެއްގެ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާ ކަމަށާ އޭގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަސްވެރިން ލޯނު ނަގަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރުމަށާ މަސްވެރިކަމުގައި ބޭނުން ކުރާ ސަމާނު ގަތުމަށާއި މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތަކަށް ކަމަށެވެ.
މަސްވެރިންނަށް ޕާސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު މަސްވެރިކަމަށް ނިކުންނަ މީހުން ގިނަވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.