35 ރަށެއްގެ ރަށު ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތް މި މަހު ފަށަން ނިންމާފައިވާ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެކްސްގައި ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރެވެމުން. ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ. https://t.co/JNQDGU31f7
— Adam Shareef Umar (@Adamshareefz) October 19, 2025
އަދި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފެށޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަންސާސް ފަސް ރަށުގެ ކައުންސިލް އިމާރާތްތައް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހު އެވެ.
އެ މަޝްރޫއު ހަވާލު ކުރީ އެއް އަހަރު ތެރޭގައި ނިންމާ ގޮތަށެވެ. ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
އެ މަސައްކަތް ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏަކާ އެވެ. ނަމަވެސް މަސައްކަތް ނުހިނގައި އެ އެއްބަސްވުން ފަހުން ބާތިލްކުރި އެވެ.
ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ އާ އިމާރާތްތައް އަޅާއިރު މިނިސްޓަރު އާދަމް ޝަރީފް ކުރިން ވިދާޅުވި ގޮތުގައި ބައެއް ކައުންސިލްތައް މިހާރު ހުރީ ބޮލަށް ވެއްޓެން ކައިރިވެފަ އެވެ.