
3000 ހައިސިންގ ޔުނިޓް ތަރައްޤީ ކުރާނެ ބިން، ބޭންކް އޮފް މޯލްޑިވިސްގެ ހައުސިންގ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވުމުން ވަޒީރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއާ ބިން ހަވާލު ކުރެވުނީ އިތުރު އެއްވެސް އަގެއް ނުހިމަނާކަމަށާއި މި ހައުސިންގ ޔުނިޓްތައް ސަރުކާރުން ދޫކުރާ އެހެން ހަޔުސިންގ ޔުނިޓްތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭނެކަމަށެވެ.
ހަމައެހެންމެ، ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައި ވަނީ ލޯނު ނަގައިގެން ކަމަށާއި މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ކޮންމެ ޢާއިލާއަކަށް ވެސް އަތްފޯރާ ފަށުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
“ކުރީ ސަރުކާރުތަކުން ވަރަށް ބޮޑު ޢަދަދެއްގެ ދަރަނި ނަގާފައިވުމާއެކު ލޯނު ލިބުމުގައި ދަތިކަމާވަނީ ކުރިމަތިވެފަ. އެހެންނަމަވެސް، މި ސަރުކާރުން ރައީސްގެ ވަޢުދާ އެއްގޮތަށް ކޮންމެ ދިވެއްސަކަށް ވެސް ބޯހިޔާވަހިކަމުގެ ޙައްޤު، އެ މީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފޯރުކޮށްދިނުން.” ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
މީގެއިތުރުން އެ މަނިކުފާނު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި 2700 ހައުސިންގ ޔުނިޓް އަޅާނެކަމަށެވެ. އަދި މި ހައުސިންގ ޔުނިޓްތައް ދޫކުރާނީ ބީއެމްއެލްއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިންކަމަށާއި ސަރުކާރުން ޢިއުލާން ކުރުމުން، އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަކީ މި ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ސަރުކާރުން މިހާރު ދޫކުރުމަށް ހަމަޖެހިފައިވާ ފަހި ދިރިއުޅުމުގެ މަޝްރޫއުގެ ހައުސިންގ ޔިނިޓްތަކުގެ އިންތިޒާރުގައި އެތަށް ރައްޔިތުންނެއް އެބަތިއްބެވެ.

