ދެހާސް އަށާވީސް ވަނަ އަހަރު ދައުލަތުގެ ތިން ބައިކުޅަ އެއްބައި މުވައްޒަފުންނަށް “ވޯކް ފްރޮމް ހޯމް” ހެދޭނެ ގޮތް ހަދަން އުއްމީދީ ތަސައްވުރެއް ގެންގުޅުއްވާކަން ރައީސް މިރޭ ހާމަކުރައްވައިފިި އެވެ.
“މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް” އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެންމެން ގުޅިގެން ޑިޖިޓަލައިޒޭޝަން މަޝްރޫއު ކާމިޔާބު މަޝްރޫއުއަކަށް ހަދަން ބޭނުންވާ ކަމަށެވެ.
އަދި އެއާއެކު 2028 ވަނަ އަހަރު އަންނައިރު ޑިޖިޓަލައިޒޭޝަންގެ ތެރެއިން ރާއްޖެއިން ދެކެން ބޭނުންވާ ތަސައްވަރު ރައީސް މުއިއްޒު ހާމަކުރެއްވި އެވެ.
“އަޅުގަނޑުގެ އުއްމީދަކީ 2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް 49،000 މުވައްޒަފުންގެ ތެރެއިން ތިން ބައިކުޅައެއްބައި މުވައްޒަފުން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ވޯކް ފްރޮމް ހޯމް ހަމަ ގާނޫނީ އުސޫލުގެ ތެރެއިން ކަނޑައެޅިފައި އޮންނަ މިންގަނޑެއްގެ ތެރެއިން މަސައްކަތް ކުރާގޮތަށް ބަދަލުކުރުން” ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ސިއްހީ އަދި ތައުލީމީ ފަދަ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ ކޮންމެހެން ވެސް މަސައްކަތަށް ނުކުންނަން ޖެހޭ ބަޔަކަށްވާ އިރު އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން 30 ގަޑިއިރު ނުވަތަ ވަކި އަދަދަކަށް ގަޑި ހަމަކުރަން އޮފީހަށް އަންނަން ޖެހޭ ގޮތަށް ވެސް އުސޫލު ހެދިދާނެ ކަމަށް ވެސް ރަައީސް ވިދާޅުވި އެވެ.
އެގޮތަށް ގޭގައި މަސައްކަތް ކުރަން ޖެހޭ ގޮތަށް ހެދުމުން ހާސިލުކުރެވޭ އެތައް ކަމެއް އަބަހުރިކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
އެގޮތުން މުޅި ސަރުކާރުގެ އޯވާހެޑް ކޯސްޓު ކުޑަކުރެވޭ ކަމަށާއި އަދި އެއާއެކު އެފިޝަންސީއާއި އަދި ދެފުށް ފެންނަ މިންވަރު ވެސް އިތުރުވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އޮފީހަށް ދާާ މުވައްޒަފުން މަދުކުރުމުން މާލޭގައި މަގުތަކުގައި ޓްރެފިކް އެތައް ގުނައަކުން ކުޑަކުރެވި ޖައްވަށް ބޭރުކުރާ ގޭސްތައް ވެސް މަދުކުރެވިގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
“އެ އަމާޒުވެސް ހާސިލުކުރެވޭނީ މިއަދު އަޅުގަނޑުމެން މި ފަށާ ދަތުރު އަޅުގަނޑުމެން އެންމެން ގުޅިގެން އެންމެން އެކައްޗެއް ކިޔާ އަޅުގަނޑުމެން ކަނޑައަޅާ މިންގަނޑަށް ހާސިލުކުރެވޭ މިންވަރަށް” ރައީސް ވިދާޅުވި އެވެ.
2028ގައި ގިނަ މުވައްޒަފުން ވޯކް ފްރޮމް ހަދަނީ