
މި ބޮޑު ޗުއްޓީއާ ދިމާކޮށް އުމްރާއަށް ދިޔަ ދިވެހިންގެ ތެރެއިން 2 މީހަކު ނިޔާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ބުނީ ނިޔާވެފައި ވަނީ ސަފާ ގުރޫޕުން ދިޔަ ފިރިހެނަކާއި ހިޖާޒް ގުރޫޕުން އުމްރާއަށް ދިޔަ ފިރިހެނެއް ކަމަށެވެ. 2 މީހުންގެ ޖަނާޒާގެ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހާއި މިމަހު 7000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެފައިވަނީ ޖުމްލަކޮށް ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިމަހުގެ 10 ވަނަ ދުވަހު އެމީހާ ރާއްޖެ ގެނެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

