
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރު ބާތިލު ކުރުމަށް، އިދިކޮޅު އެމްޑީޕީން ކޯޓަށްދާން ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީއަށް ނިސްބަވްތާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، 2އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކީ ގާނޫނުއަސާސީގެ 8ވަނަ އިސްލާހާ ހިލާފު ގަރާރެއް ކަމަށެވެ.
އެހެންކަމުން އެ ގަރާރު ބާތިލު ކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ގަރާރު، ގާނޫނުއަސާސީއާ ހިލާފުވާ ގޮތުގެ މާބޮޑު ތަފުސީލެއް ހިއްސާ ނުކުރައްވައެވެ.
އިތުރަށް ވިދާޅުވީ، 2އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އެޕާޓީން ކުރާނެ ކަމަށެވެ.
ރައީސް ނެރުއްވި ގަރާރުގައި ވަނީ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ ވޯޓު ކައުންސިލް އިންތިހާބު އޮންނަ ދުވަހު ނަގަން ނިންމާފައިވާ ކަމަށެވެ. ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހުއެވެ.

