
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވި އެ ބިލުގައިވާ ގޮތުން، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން، ރައީސް ހޮވަން ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަސް ކަމަށްވެސް އެ ބިލުގައިވެއެވެ.
މި ބިލު މިއަދު ދައުރުން ބޭއްވި ޖަލްސާގައި ބަލައިގެންފައި ވަނީ 46 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެމްޑީޕީ މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ބިލު މަޖިލީހަށް ބަލައިގަތުމުން، ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމުމަށްވެސް ވަނީ ފާސްކޮށްފައެވެ.
މި ބިލު ފާސްވުމާއެކު، މިހާރު މިހިނގާ 20 ވަނަ މަޖިލީހުގެ ދައުރު ގާތްގަނޑަކަށް 5 މަހަށް ކުރުވެގެންދާނެއެވެ.

