
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކޮށް، ފެށޭ ދިރާސީ އަހަރު ހުޅުވުމަށް ތައްޔާރުވަމުންދާ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދުނު 1800އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދީފައިވާނެ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޝަހީދު ޢަލީ ސްކޫލުގެ މަސައްކަތްތައް ބައްލަވާލައްވައި، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ތަޢުލީމީ ވުޒާރާއިން ނިންމާފައި އޮތީ 1500 ދަރިވަރުންނާ އެކު އެއްދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ކަމަށާއި ނަމަވެސް ލިބުނު ތަރުޙީބާ އެކު ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
ޝަހީދު ޢަލީ ސްކޫލަކީ 5 ފަންގިފިލާއަށް ތަރައްޤީ ކޮށްފައިވާ، 50 ކްލާސްރޫމުގެ ސްކޫލެކެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ދާއިމީ ދެވަނަ ސްކޫލެވެ. ވަޒީރު ވިދާޅުވީ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި، މުދަރިސުންނާއި، ސްޓާފުން ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.
“މި ސްކޫލާ އެކު ދަރިވަރުންގެ ބޮޑެތި ތަކުލީފުތަކަކަށް ލުޔެއް ލިބިގެން މިދަނީ. މާލޭގެ އެހެން ސްކޫލުތަކެކޭ އެއްގޮތަށް، ފެންވަރު ރަނގަޅު މުދައްރިސުން ކިޔަވައިދޭނީ.” ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީން 800-900އާ ދެމެދުގެ އަދަދެއްގެ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ދެއެވެ. ޝަހީދު ޢަލީ ސްކޫލު ހުޅުވުމާ އެކު އެ އަދަދު ވަރަށް ބޮޑަށް މަދުވާނެ ކަމަށް ބެލެވެއެވެ.

