ރާއްޖޭގެ އެކި ހިސާބުތަކުގައި ހިމެނޭ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި، ކޮންސްޓްރަކްޝަން މިނިސްޓްރީއާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން މި ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި، ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަތައް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. މަޝްރޫއުގެ ދަށުން މަގުތައް ތަރައްގީ ކުރެވޭ ރަށްތަކުގެ ތެރޭގައި ހއ. ތުރާކުނު، ހދ. ނޮޅިވަރަމްފަރު، ހދ. ފިނޭ، ށ. މަރޮށި، ނ. މާފަރު، ބ. ތުޅާދޫ، ބ. ކުޑަރިކިލު، މ. މުލި، ތ. ގުރައިދޫ، ތ. ހިރިލަންދޫ އަދި ތ. ކިނބިދޫ ހިމެނެ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އަދި، އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނަޒިމް އެވެ. މަޝްރޫޢުގެ ސަބަބުން މި ރަށްތަކުގެ ރައްޔިތުންނަށް ޒަމާނީ ފެންވަރެއްގެ މަގުތައް ލިބި، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެ، ރަށުގެ ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.