ޤައުމީއްޔަތު ކުރިއަށް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަމިއްލަ ޒިންމާއެއް ގޮތުގައި ބަލައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ، 500 އެއްހައި އަހަރު ވަންދެން ޤައުމުގެ ތަރިކައެއް ކަމަށްވާ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން ކޮށްދެއްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުގެ އަދި ހިއްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތް ފަރާތްތަކަށް އެމަނިކުފާނު މަރުޙަބާ ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު މިއަދު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތަކީ ކުރިއަށް އޮތް ޖީލަށް ޤައުމިއްޔަތު ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިހުގެ އަބްޠާލުންގެ ޤުރުބާނީއާއެކު ހޯދައިދެއްވާފައިވާ ޤައުމުގެ ދިވެހި ވަންތަކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ތިބީ އަދުގެ ޒުވާނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މިއަދު ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު ކޮންމެ ދިވެހި ރައްޔިތަކުވެސް އަޒުމު އައު ކުރަންވީ ޤައުމިއްޔަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ކޮންމެ ދިވެހި ރައްޔިތަކުވެސް އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ސަރުކާރުތަކަށް ކުރެވޭކަންކަން ސަރުކާރުތަކުން ކުރާނެ. ތަރައްޤީގެ މަސައްކަތް ކުރާނެ. ނަމަވެސް ހަޤީޤީ ކުރިއެރުމަކީ ކޮންމެ މީހަކު ކުރަން އޮތް ކަމެއް. އަޅުގަނޑުމެންގެ ސިކުނޑި ތަރައްޤީކުރަންޖެހެނީ. އަޅުގަނޑުމެންގެ ހިތުގައި އޮތް ޤައުމީއްޔަތު އަލާކޮށް ތަރައްޤީކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންކަން. އޭރު ޤައުމު ޤައުމެއްގެ ގޮތުގައި ކުރިއަށްދާނީ ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރިން ދިވެހިންގެ ތެރޭގައި އެތަކެއް ރީތި ސިފަތަކެއް ހުރި ނަމަވެސް މިއަދު ހާލަތު ބަދަލުވެފައިވާ ކަމަށެވެ. މިހާރު ފެނިގެން ދަނީ ވިސްނުމެއްނެތި އެކެއްގެ ހައްޤަށް އަނެކަކު އަރައިގަންނަ މަންޒަރުކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިއީ ދިވެހި ޤައުމު މިހާ ހިސާބަށް އިހުގެ އަބްޠާލުން ގެނެސް ދިން ބޭނުން ނޫން ކަމަށް ވިދާޅުވެފައެވެ.
ޚިޔާލު ފާޅުކުރުމުގެ ނަމުގައި އަބުރަށް އަރައިގަންނަކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އިހުގެ ދިވެހިންގެ މެދުގައި ހުރި ރީތި ސިފަތައް މިއަދު އާލާކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއެކު ކޮންމެ ކަމެއްވެސް އޮންނަންޖެހެނީ ވަކި ޚުދޫދެއްގެ ތެރޭގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫނީއްޔާ ކޮންމެ ވާހަކައެއް ބުނުމުގެ މިނިވަންކަމަކީ ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަންވާނެ ކަންކަން. ތިމަންނަ ކުރައްވާ ކަންކަމަކީ ހައްޤުތަކަކީ ވަކި ޚުދޫދުތަކެއް ތެރޭގައި އޮންނަންވާނެ ކަންކަން. ކޮންމެ ރައިޓަކީވެސް ލިމިޓެއްގެ ތެރޭގައި އޮންނަންވާނެ ކަންކަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ މިކަން ބަދަލުކޮށް ދީނުގައި ދައްކަވައި ދީފައިވާ މަގު ކުރިއަށް ދިއުމަށް އެންމެންވެސް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މިގޮތަށް ކަންކަން ބަދަލުނުކުރެވިއްޖެ ނަމަ ދިވެހިންގެ އަމިއްލަވަންތަކަށް ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ޤައުމަށް އަމާނާތްތެރި އަދި އިޙްލާސްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެނޫން ގޮތަކަށް މަސައްކަތްކޮށްގެން ނޫނީ، ވަށާޖެހިފައިވާ ތަރައްޤީއެއް ޤައުމަށް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.