
ދީނީ ޢިލްމުވެރީންނަކީ މުރުތައްދުވެފައި ތިބި ބައެއްކަމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާމަނިކު ވިދާޅުވި މައްސަލަ ބަލައިދިނުމަށް ޢިލްމުވެރީންގެ ގުޅުމުން ފުލުހަށް ހުށަހަޅައިފިއެވެ.
މޫސާމަނިކު އެ ފަދައިން ވާހަކަ ދެއްކެވީ މި މަހުގެ 6ވަނަ ދުވަހުގެރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ޢިލްމުވެރީންގެ ގުޅުމުން ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވި ސިޓީއެއްގައި ބުނީ ދީނީ ޢިލްމުވެރީންނަކީ މުރުތައްދުވެފައި ތިބި ބައެއްގެ ގޮތުގައި ވިދާޅުވެ މޫސާމަނިކު ދެއްކެވި ވާހަކަތަކަކީ ވަރަށް ނުރައްކާތެރި ޙައްސާސީ މައްސަލައެއް ކަމުގައި ފާހަގަކުރަމެވެ.
“މޫސާމަނިކު ދައްކަވަފައިފައިވާ ވާހަކަފުޅަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގައި އިސްލާމްދީނާއި ދިވެހީންގެ ދީނީ ވަހުދަތު ނެގެހެއްޓެވުމުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީންނާ މެދު ނަފްރަތު އުފެއްދުމަށް ޓަކައި ކޮށްފައިވާ ނޭއްގާނީ ދަށު ދަރަޖައިގެ ނުރައްކާތެރި ޒިންމާދާރުކަމެއް ނެތް ޢަމަލެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ. އަދި އެކަމަކީ ޑރ. އަފްރާޝީމް ޢަލީ (ރަޙިމަހުﷲ)އެކޭ އެއްފަދައިން މިހާރު ތިއްބެވި ދަންނަ ބޭކަލުންގެ ފުރާނަ ވެސް ނުރައްކަލަކަށް ހުށަހެޅިގެންދާން ހުޅުވިގެން ގޮސްދާނެ ދޮރެއް ކަމަށް ތިޔަ ބޭފުޅުންގެ ސަމާލުކަމަށް ގެންނަމެވެ.”
އިލްމުވެރީންގެ ގުޅުމުން ބުނީ ދެންނެވުނު ސަބަބުތަކަށް ޓަކައި ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ހަރުކަށި ފެތުރުމާއި މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް “ތަކްފީރު”ކުރުމުގެ ފިކުރު ފެތުރުމުގެ ކުށަކަށް މޫސާމަނިކު އަރައިގެންފައިވާ ކަމަށް ދެކޭ ކަމަށެވެ. އަދި އޭނާ ވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކަވައިފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައި ވެއެވެ.
އެހެންކަމުން އެ ނުކުތާތަކަށް ރިޢާޔަތްކުރުމަށް ފަހު މޫސާ މަނިކާއި އޭނާގެ ވާހަކަތައް ލައިވްކުރި ފަރާތްތަކާ މެދު ތަހުގީގު ހިންގަވައި ދެއްވައި ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އިލްމުވެރީންގެ ގުޅުމުން ވަނީ ފުލުހުގައި އެދިފައެވެ.
އެމްޑީޕީގެ ޖަގަހައިގައި މޫސާމަނިކު ދެއްކެވި ވާހަކައިގައި ދީނީ ޢިލްމުވެރީންނަށް ވަރަށް ބޮޑަށް ފާޑު ކިޔައި ހަޖޫ ޖަހައިފައި ވެއެވެ. އެ ގޮތުން ދީނީ ޢިލްމުވެރީންނަށް ވުރެ އޭނާ މޮޅު ވާނެކަމަށް ވިދާޅުވެ، ޖުވާގެ ކަންކަމަށް ފާޑު ކިޔައި ޢިލްމުވެރީންނަށް މުރުތައްދު ގޮވައިފައި ވެއެވެ.

