
ހއ. ދިއްދޫގައި ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒު މިއަދު ހުކުރު ނަމާދަށް ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަރުކަޒު ރަސްމީކޮށް ހުޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމަނިކުފާނު ވަނީ އެ މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު އިމާމުވެ ކުރައްވާފައެވެ.
މި މަރުކަޒަށް ނަން ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށްދިން އުދުވާނީ ޙަމަލާގައި ޝަހީދުވި، އޭރު މާލޭގެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަންފުޅަށް ނިސްބަތްކޮށްކަމަށާއި އެ ބޭފުޅާއަކީ ހއ. ދިއްދުއަށް ނިސްބަތްވާ ބޭފުޅެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ޝަހީދު ޢުމަރު އަޙްމަދު މިސްކިތުގައި އެއްފަހަރާ 1500 މީހުންނަށް ޖަމާޢަތުގައި ނަމާދުކުރެވޭނެކަމަށާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމާއި 2 ސެމިނަރ ރޫމް އަދި އޮފީސް ޖާގައެއް ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައިވެއެވެ.
މި މަރުކަޒު ބިނާކޮށްފައި ވަނީ ދިއްދޫގައި ބިން ހިއްކާ އަލަށް މީހުން އާބާދު ވަމުންދާ ސަރަހައްދުގައެވެ. ދިއްދޫގައި މި ވަގުތު ޖުމްލަ 6 މިސްކިތާއި ހުކުރުކުރެވޭ ގޮތަށް ޖާގަ ބޮޑު 3 މިސްކިތް ހުރެއެވެ.

