
މީސްމީޑިއާގެ އެކި މަންސަތަކުގައި ޞިއްޙީ ދާއިރާއާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ނުފެތުރުމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އާންމުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން މިއަދު ދެއްވި ޚިތާބެއްގައި އެ މަނިކުފާނު ވިފާޅުވީ، މި ޒަމާނުގައި ވަރަށް ފަސޭހަކަމާ އެކު އޮޅުވާލައިގެންނާއި ނޭނގިތިބެ ނަމަވެސް ސާބިތުނުހިފޭ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެގޮތުން ބަލިތަކަށް ފަރުވާކުރުމުގައާއި، ވެކްސިން ދިނުމުގެ އިތުރުން ޑޮކްޓަރީ ބޭހަށްވުރެ އެހެނިހެން ކަންކަމަށް އިސްކަންދިނުމަށް ބާރުއަޅައި ވާހަކަދެއްކުމަކީ މިހާރަކަށް އައިސް އާންމުކޮށް ފެންނަ ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މިފަދަ ޢަމަލުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވަމުން، އަމިއްލަ މީހާއާއި ޢާއިލާގެ ދުޅަހެޔޮކަމާ ގުޅޭ ނިންމުންތައް ނިންމުމުގައި ކަމާބެހޭ މާހިރުންނާއި ޞިއްޙީ އިދާރާތަކުގެ ލަފާގެ މަތިން ޢަމަލުކުރުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގަތެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު ބިނާވެފައި ވަނީ ސައިންސާއި ޒަމާނީ ހޯދުންތަކުގެ މައްޗަށްކަމާއި، މި ދާއިރާގައި ހަރަކާތްތެރި ވަނީ ތަޢުލީމީ ގޮތުން ޤާބިލު މީހުންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ރާއްޖެއިން ތަފާތު ބަލިތައް ނައްތާލުމުގައާއި ބޭސްފަރުވާގެ ރޮނގުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ސިއްރަކީ މެޑިކަލް ސައިންސަށް ކުރި އިތުބާރުކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޞިއްޙަތަށް ގެއްލުންދެނިވި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރަނގަޅު ދިރިއުޅުމަކަށް ބަދަލުވުމަށް ކޮންމެ ފަރުދަކު ވެސް އަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

