ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހު އިބްރާހިމް ފަރީދު އަހުމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި އެވެ.
އުމުރުފުޅުން 53 އަހަރުގައި ފަރީދު އަވަހާރަވީ މިދިޔަ ހޯމަ ދުވަހު ހަވީރު ދީނީ ދައުވަތާ ގުޅުންހުރި ކަމެއްގައި މެލޭޝިއާއަށް ކުރެއްވި ދަތުރުގައި އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ހާލު ދެރަވެގެންނެވެ.
ފަރީދުގެ ހަށިގަނޑު ގެނެސް ރާއްޖޭގައި ކަށުނަމާދު ކުރުމަށް އާއިލާއިން މަސައްކަތްކުރި އެވެ. އެކަން ކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން ނިންމީ ޖަނާޒާ މެލޭޝިއާގައި ބޭއްވުމަށެވެ.
ޝެއިހު ފަރީދުގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު ސެލަންގޯގެ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގަ އެވެ. ފަސްދާނުލީ ތަނާހް ޕަރްކުބުރަން އިސްލާމް ރައުދަތުލް ބަޤީ ގަބުރުސްތާނުގަ އެވެ.
ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ރަށު ކައުންސިލުތަކަށާއި އަތޮޅު ކައުންސިލުތަކަށާ އަދި ސިޓީ ކައުންސިލުތަކަށް މިއަދު ސާކިއުލާއެއް ފޮނުވާފަ އެވެ.
އެ ސާކިއުލާގައި ބުނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝެއިހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވުމާ އެކު މި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ އެދިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ފަރީދަކީ ދައުވަތުގެ މައިދާނުގައި ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަގުހުރި ދިވެހި އިލްމީ ދަރިއެއް ކަމުގަ އެވެ.
“ޝެއިހް ފަރީދު، މި ވަގުތީ ދުނިޔެ އާ އަބަދުގެ އަބަދަށް އަލްވަދާއު ކީ އެންމެހައި ދިވެހިން ރޮއްވައިލައިފަ އެވެ. ޝައިހު ފަރީދު ދަންނަ އެންމެހައި މީސްތަކުންގެ ހިތްތަކުގައި މިއަދު އާލާވަމުން ދަނީ އެ ބޭފުޅާގެ ހެޔޮ ހަނދާންތަކެވެ.” ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ފަރީދަކީ ހިތްވަރުގަދަ، ހުލްގުހެޔޮ، މީހުންނާ ގާތް ރަހުމަތްތެރި ބޭފުޅެއް ކަމަށެވެ. ރީތި އަޑުފުޅުން ކީރިތި ޤުރްއާން ތިލާވަތު ކުރައްވާއިރު، މުޅި ހަޔާތް ހޭދަކުރެއްވީ އިސްލާމީ ދައުވަތު ފެތުރުއްވުމުގައި ކަމަށެވެ. ދުނިޔެ އާ ވަކިވެވަޑައިގެންނެވީ ވެސް އެ މަގުގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް ކަމުގައި ފާހަގަކުރެއްވި އެވެ.
“ޝެއިހް ފަރީދު ފަދަ ބޭފުޅުންގެ ހަޔާތުން ފިލާވަޅުތައް ލިބިގަނެ، އެ ބޭފުޅުން ކޮށައިދެއްވި މަގުން ހިނގައި، އިސްލާމްދީނާއި ވަތަނުގެ ދިފާއުގައި ދެމި ތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު އަޅުގަނޑުމެންގެ ކޮނޑުގައި މިއަދު މި ވަނީ އެޅިފަ އެވެ.” ޝަހީމް ވިދާޅުވި އެވެ.
ފަރީދު އިސްކޮށް ހުންނަވާ ހިންގަވަމުން އައި ހިދުމަތް ޖަމިއްޔާއިން ވަނީ އޭނާ އަވަހާރަވުމާ ގުޅިގެން، ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން ނިންމާފައިވާކަން ހާމަކޮށް، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އިއްޔެ އިއުލާނުކޮށްފަ އެވެ.
އެ ޖަމިއްޔާއިން ކުރި ޕޯސްޓުގައި ބުނެފައި ވަނީ 250 އަކަމީޓަރުގެ 455 މީހުންގެ ޖާގައިގެ އެ މިސްކިތް އެޅުމަށް ގާތްގަނޑަކަށް 760،000 ރުފިޔާ ހޭދަވާނެ ކަމަށެވެ.
ހިދުމަތް ޖަމިއްޔާއިން މިއަދު ހެނދުނު ވަނީ މިސްކިތް އެޅުމަށް ބޭނުންވާ އަދަދަށް ފައިސާ ހަމަވެފައިވާކަން ހާމަކޮށްފަ އެވެ. އެ ޖަމިއްޔާއިން މީގެކުރިން ވެސް އެހީ އެއްކޮށްގެން މިސްކިތްތައް ބިނާކޮށްފައިވެ އެވެ.