މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް(އެފްއައިޔޫ)އިން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާ ގުޅޭ ގޮތުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން އޭނާ މިއަދު ވަކިކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެސްއޯއީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހަމަޖައްސާފައިވާ ކަމަށެވެ.
އިއްޔެ މާލިއްޔަތު ކޮމިޓީން އޭނާ ވަކިކޮށް ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ އަށް ވަނީ ބަދަލުކޮށްފަ އެވެ.
ކާކުކަން ނޭނގޭ ގޮތަށް ޓުވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ލީކުކޮށްލާފައިވާ ރިޕޯޓުގެ ސައްހަކަށް މިހާތަނަށް ވެސް އެމްއެމްއޭއިން ކަށަވަރެއް ނުކޮށްދެ އެވެ.
އެހެން ނަމަވެސް ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ލީކުވި ރިޕޯޓާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ އެ ރިޕޯޓުގެ ސަައްހަކަން ކަށަވަރުނުވާ ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން މައުލޫމާތު ވެސް ލިބިފައިނުވާ ކަމަށެވެ.
ލީކުކޮށްލާފައިވާ ރިޕޯޓުން ދައްކާގޮތުން ޝުޖާއާއި އޭނާގެ އާއިލާތަކާ ގުޅިފައިވާ އެކައުންޓުތަކަށް 42 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ޝުޖާއުގެ މައްސަލަ މިދިޔަ އަހަރުން ފެށިގެން އޭސީސީން ދަނީ ބަލަމުން
ރިޕޯޓުގެ މައްސަލަ ބަލަން ފަށާފައިވާ އިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ވެސް އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ