
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، ދައުލަތުން ގިނަ ދައުވާތަކެއް އުފުލައިފައިވާ، މއ. ހަނީސަކްލް / ޙުސެއިން ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޝިފާއުގެ މައްސަލަ ބައްލަވާ ޣާޒީ ޢަލީ ނަދީމް ނިންމެވީ އެ މައްސަލައިގައި ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށެވެ. އަދި ޝިފާއުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އެ މައްސަލައިގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދަޢުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް ވެސް ޣާޒީ ޢަލީ ނަދީމް ވިދާޅުވިއެވެ.
ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ “ކިންގްޑަމް އޮފް ފުރުޓްސް” މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކަކުން މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުލަތުން 23 ދައުވާއެއް އުފުލާފައިވެއެވެ. އެއީ:
- މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާ
- މަނީ ލޯންޑަރިންގެ 7 ދަޢުވާ
- އެ ލިޔުމަކީ ސައްޙަ ނޫން ލިޔުމެއްކަން އެނގި ހުރެ، އެ ލިޔުން ދިނުމުގެ ކުށުގެ 9 ދަޢުވާ
މި މައްސަލައިގައި، ޖަލު ޙުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް އިއުތިރާފު އެއްބަސްވުމެއް ހަދަން ދައުލަތުން މީގެ ކުރިން ނިންމި ނަމަވެސް ޣާޒީ އެ ފުރުސަތު ދެއްވައިފައެއް ނުވެއެވެ. އެ ފުރުސަތު ނުދެއްވީ، އެ އިއުތިރާފު އެއްބަސްވުމަކީ، ޝިފާއުގެ ފަރާތުން ގެއްލުންވި ފަރާތްތަކަށް ބަދަލު ލިބޭނެ ކަމުގެ ޔަޤީންކަން ލިބޭނެ ގޮތަށް ހަދައިފައިވާ އެއްބަސްވުމަކަށް ނުވާތީ ކަމަށް ޣާޒީ ވަނީ ވިދާޅުވެފައެވެ.

