
އަލްމަރްޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަނގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.
ބަނގްލަދޭޝްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދާއި ޢަބްދުއްރަޙްމާން ފަރީދެވެ. އަދި މި ރަސްމިއްޔާތުގައި ޚިދުމަތް ޖަމްޢިއްޔާގެ ޕާޓްނަރު އެންޖީއޯ (އަލް-މަނާހިލް ފައުންޑޭޝަން)ގެ އިސްބޭފުޅުންނާއި އެ ސަރަޙައްދުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ޚިދުމަތް ޖަމްޢިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި، ބަންގްލަދޭޝްގައި މިއަދު ހުޅުވުނު މި މިސްކިތަކީ ޖަމާޢަތުގައި 300އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.
މީގެ އިތުރުން، އެ ޖަމްޢިއްޔާއިން ވަނީ ވަރަށް ދިވެހި ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، ޚިދުމަތް ޖަމްޢިއްޔާއިން މިހާރު ވަނީ ރާއްޖޭގައި ވެސް ޝައިޚް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އިޢުލާނުކޮށްފައެވެ. އަދި އެ މިސްކިތް ބިނާކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގައެވެ. މި މިސްކިތަކީ 2،500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
ޝައިޚް ފަރީދަކީ ދަޢުވަތުގެ މައިދާނުގައި ވަރަށް އިޚްލާޞްތެރި މަސައްކަތެއް ކުރެއްވި ދީނީ ދަންނަ ބޭކަލެކެވެ. ޚާއްޞަކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ދުވަސްވަރު ވެސް ޝައިޚް ހުންނެވީ ދީނީ ޢިލްމު ފެތުރުމުގައި ޘާބިތުއެވެ. ނަތީޖާއެއްގެ ގޮތުން އެތައް ފަހަރަކު ޖަލަށް ލެވި ނުޙައްޤު އަނިޔާ ލިބިފައި ވެއެވެ. ޝައިޚް ނިޔާވިއިރު ވެސް އުޅުއްވީ ދިވެހިރާއްޖެއަށް ޙަލާލު ޓްއަރިޒަމް ތަޢާރަފްކޮށް ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރެއްވުމުގައެވެ.

